އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ “މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓު”ގެ ޕޯޓު ތަރައްގީކުރުމާއި އެ މަޝްރޫއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) ގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން އެސްޓީއޯގެ ވެސް އެމްޑީ ޝިމާދު އިބްރާހިމް އެވެ. ސީއޭއައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީސީއޯ ޓަން ކުން ޗިއާއޯ ޖޯޖެވެ.
މި އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅުގައި ބަނދަރު ތަރައްގީ ކުރުމުގެ އިތުރުން ބަނދަރަށް ބޭނުންވާ ހިދުމަތްތައް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅު ސަރަހައްދު ވިޔަފާރިއާއި ލޮޖިސްޓިކްސް ހަބަކަށް ބަދަލުކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭނާ އެއްގޮތަށް، މޯލްޑިވްސް ގޭޓްވޭ މަޝްރޫއުގެ ސްކޯޕާއި ފިޔަވަހިތައް ތަރައްގީ ކުރުމަށް ބޭނުންވާ ޕްލޭން އެކުލަވައިލާނެ ކަމަށެވެ.
މީގެ އިތުރުން ފައިނޭންޝަލް އެސެސްމެންޓް ހެދުމާއި މަޝްރޫއު ކުރިއަށްގެންދިޔުމަށް ބޭނުންވާ މުހިންމު ކޮމާޝަލް ޓާމްސް ކަނޑައެޅުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ މި އެއްބަސްވުމަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.