2025 ވަނަ އަހަރަކީ ރާއްޖޭގައި ކެންސަރު ބައްޔަށް ޚާއްޞަކޮށްގެން އަޅާ ފުރަތަމަ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އަހަރަށް ވާނެކަމުގެ ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޭ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ކެންސަރު ބައްޔަށް ފަރުވާދިނުމަކީ ހޮސްޕިޓަލެއްގެ ޑިޕާޓްމަންޓެއްގެ އަރިމަތީގައި ދެމުންދާންޖެހޭ ފަދަ ޚިދުމަތެއް ނޫނެވެ. އަދި ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކެންސަރު ބަލީގެ ކަންކަމަށް ޚާއްޞަ، ފުލް-ފްލެޖު ހޮސްޕިޓަލެއް ހުންނަން ޖެހެއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ ލ. ގަމުގައި ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލެއް އަދި ހުޅުމާލޭގައި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ ޕްލޭންތައްވެސް ހާމަކުރައްވާފައެވެ.
ޞިއްޙީ ދާއިރާގެ އިތުރު ކުރިއެރުންތަކުގެ ތެރޭގައި، މާލޭގެ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލު ޓަރޝަރީ ފެންވަރަށް އަޕްގްރޭޑްކޮށް، މި ނޮވެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ރަސްމީކޮށް ޚިދުމަތްދޭން ފެށޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ދަތުރުފަތުރުގެ ދާއިރާއަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ޤާއިމުކުރެވޭނެކަމަށާއި، މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް 2025 ގައި ފެށުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވެސް ރައީސް މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.