އައްޑޫ ޝަންގުރިއްލާ ރިސޯޓް ހުޅުވުމަށް އޮތް ހުރަހަކަށްވެފައިވަނީ އެކުންފުންޏާއެކު ދިވެހި ސަރުކާރުންވެފައިވާ އެއްބަސްވުން ކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ބައެއް ފަހަރު ކުރެވިފައި ހުރި އެގްރީމަންޓްގެ ސަބަބުން ދައުލަތަށް ނިހާޔަތަށް ގެއްލުންވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޝަންގްރިއްލާ އެގްރިމެންޓް ލިޔެވިފައި އޮތް ގޮތުން މިހާތަނަށް އައިއިރު ދިވެހި ސަރުކާރުން ޝަންގްރިއްލާއަށް 68 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދައްކަން ޖެހޭ ކަމަށާއި އެމީހުން ނަގާފައިވާ ލޯނުގައި %30 ސަރުކާރުން ބައިވެރިވާން ޖެހޭ ކަމަށެވެ.
އަދި ޝަންގްރިއްލާ ހުޅުވުން ވެގެން ދާނީ އައްޑޫ ސިޓީއަށް ރަނގަޅު ބަދަލެއް ގެންނާނެ ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެންމެ ބޮޑު އުފަލެއް ލިބޭނީ އައްޑޫ ޝަންގްރިއްލާ ރިސޯޓް ހުޅުވުމުން ކަމަށެވެ.
މަޖިލީހުގެ މެންބަރުންނާއި މަޝްވަރާ ކުރުމަށްފަހު މިހާރު ގާނޫނަށް ބަދަލު ގެނައުމަށް ވާނީ ހުށަހަޅާފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިހާރު ދައުލަތަށް އާމްދަނީ ހޯދުމުގެ މަގަކީ ރިސޯޓު ބިމުކުލި ނޫން ކަމަށާއި، ރިސޯޓުތަކުގެ ކުލި ކުޑަކޮށްގެން ދުރު މުސްތަގުބަލުގައި ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ.