ސަރުކާރުން ދަ ނޭޗަރ ކޮންސަރވަންސީ (ޓީއެންސީ) އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގެ މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމާއި އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކުރިއެރުވުމެވެ.
މި ފަހުމުނާމާގައި ސޮއިކުރެވުނީ އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައި ބޭއްވުނު 2024 ވަނަ އަހަރުގެ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ސަމިޓް (ކޮޕް29) ގައެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިޤް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޕާޓްނަރޝިޕަކީ ދެމެހެއްޓެނިވި އަދި ފާގަތި މުސްތަޤްބަލަކަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި ގުދުރަތީ ގޮތުން ދިމާވާ ގޮންޖެހުންތަކާ ގުޅުންހުރި ޙައްލުތަކަށް ދެމެހެއްޓެނިވި ފައިނޭންސިންގ ހޯދުމަކީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
މި ޕާޓްނަރޝިޕްގެ ދަށުން ފަހިކުރެވޭ ފައިނޭންސިންގ ނިޒާމުތަކުން ތިމާވެށި ޙިމާޔަތްކުރުމާއި، ރަށްރަށުގެ އިޤްތިޞާދު ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރެވޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ މެދުރާސްތާގެ މެކްރޯ-ފިސްކަލް ސްޓެބިލިޓީއާއި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްވެސް މި ޕާޓްނަރޝިޕުން އެހީތެރިވެދޭނެއެވެ.
ދަ ނޭޗަރ ކޮންސަރވަންސީއަކީ 1951 ގައި އުފެދުނު، ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އިސްދައުރެއް އަދާކުރާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން 70 އަށްވުރެ ގިނަ ޤައުމުގައި މަސައްކަތްކުރަމުންދެއެވެ.