އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަޤުުފް މަޝްރޫޢުތަކުގެ ތެރެއިން ހދ. ނެއްލައިދޫގައި ކުރިއަށް ގެންދާ ވަޤްފު މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާއާއި ނެއްލައިދޫ ކައުންސިލާއި ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު އަލީފްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ވަޤުފްގެ މަޝްރޫޢުތައް އިތުރުކޮށް އޭގެ ނަފާ ކަނޑައެޅޭ ދާއިރާތަކަށް ލިބޭގޮތަށް ފުޅާ ކުރުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއްކަމަށާއި، ނެއްލައިދޫ ކައުންސިލާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެރަށުގައި ވަޤުފް މަޝްރޫޢުއެއް ކުރިއަށް ގެންގޮސް އޭގެ ނަފާ ދީނީ ކަންކަމަށް ލިބިގެންދާނެކަމަށެވެ.
ވަަޒީރު އިތުރަށް ވިދާޅުވީ، ރަށްރަށުގައި ވަޤުފް އިމާރާތްތައް އިތުރު ކުރުމަކީ ވުޒާރާގެ އަމާޒެއްކަމަށާއި، ނެއްލައިދޫގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމެވީ ވުޒާރާއަށް ލިބުނު ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ފެނުނު އެންމެ މުނާސަބު އެއް ޕްރޮޕޯސަލްއަކީ ނެެއްލައިދޫ ކައުންސިލުން ހުށައަޅާފައިވާ ޕްރޮޕޯސަލްކަމަށްވީތީ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، މި މަޝްރޫޢުއަކީ ކުރިމަގަށް ކުރެވޭ ރަނގަޅު މަސައްކަތެއްކަމަށާއި އުއްމީދަކީ މި މަޝްރޫޢުގެ ނަފާ ނެއްލައިދޫއަށާއި މުޅި ރާއްޖެއަށް ވީހާވެސް އަވަހަށް ލިބިގެން ދިއުންކަމަށެވެ.
ނެއްލައިދޫ ކައުންސިލުން ހުށައަޅާފައިވާ ވަޤުފް މަޝްރޫޢުއަކީ ލަނޑާ/ކަނޑު/ފަރު މަސްވެރިކަމާގުޅޭ މަސައްކަތަށް އެރަށުން އާއްމުންނަށް ކުއްޔަށްދިނުމަށް، 10 އައުޓްލެޓް ޢިމާރާތްކުރުމެވެ. މި މަޝްރޫޢުގެ ދަށުން އަޅާ 10 އައުޓްލެޓް ކުއްޔަށް ދީގެން ލިބޭ ނަފާއިން ރަށުގެ މިސްކިތްތައް މަރާމާތުކުރުމާއި، ދީނީ އިޖުތިމާޢީ އެކި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ނެއްލައިދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ރަށު/ސިޓީ ވަޤުފް މަޝްރޫޢުއަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިގެން އިފްތިތާޙްކުރި މުހިއްމު މަޝްރޫޢުއެކެވެ. މި މަޝްރޫއުގެ ދަށުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 14 ރަށު ކައުންސިލަކުންނާއި 10 ސިޓީ ކައުންސިލަކުން ވަނީ ޕްރޮޕޯސަލް ހުށައަޅާފައެވެ.