ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހާރިޖީ ސިޔާސަތުތައް ދުނިޔެއިން ބަލައިގެންފައިވާކަމަށް ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ދައުލަތުގެ މީޑިޔާއަށް ނައިބު ރައީސް ދެއްވި ބަސްދީގަތުމެއްގައި ވަނީ ސަރުކާރާ ހަވާލުވިއިރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނީގެ މައްސަލަކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ރައީސް ގެންގުޅުއްވާ ހާރިޖީ ސިޔާސަތުގެ ސަބަބުން ދަރަނި ދައްކަންޖެހޭ ޤައުމުތަކާއެކު ގުޅުން ބަދަހިކުރެވި، ބޮޑެތި ލުއިތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ދުނިޔެ ޤަބޫލުކޮށްފި އަޅުގަނޑުމެން ރައީސްގެ ސިޔާސަތުތައް. އެއީ އަޅުގަނޑުމެންނަށް ލިބެމުންދާ އެންމެ ބޮޑު ކާމިޔާބީ,” ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭރު ޤައުމުތަކުގެ ވެރިން ރާއްޖެއަށް އިޙްތިރާމްކުރާކަމާއި، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރާ ގޮތް އެ ބޭފުޅުންނަށް ކަމުދާކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އަރަބި ޤައުމުތަކާއި އަވައްޓެރި ޤައުމުތަކުން ފަންނީ އަދި އެހެނިހެން އެހީތެރިކަން ލިބެމުންދާކަމަށް ވެސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި ސަރުކާރުން މަސައްކަތްކުރަނީ ޤައުމުގެ މިނިވަންކަން ކަށަވަރުކޮށް، އިޖްތިމާޢީ މިނިވަންކަމާއި އިޤްތިޞާދީ ގޮތުން ރައްޔިތުން ބޭނުންވާ ފުދުންތެރިކަން ހޯދައިދިނުމަށެވެ.