ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުވެވަޑައިގަންނަވާ ޕާޓީ ބަދަލު ކުރައްވައިފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.
ފަސް އިސްލާހެއްގެ ހިމެނޭ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ގެންނަން ބިލް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 78 މެންބަރުންގެ ވޯޓުންނެވެ. މި ބިލް ފާސްކުރަން ބޭނުންނުވާ ކަމަށް 12 މެންބަރުން ވޯޓުދެއްވިއެވެ.
އެ ބިލަށް މިއަދު މަޖިލީހުގައި ވަނީ ބަހުސްކޮށްފައެވެ. އަދި އެއަށްފަހުގައި އެ ބިލް މަޖިލީހުން ބަލައިގަތުމަށް ފެންނަ ގޮތަކާއި މެދު ވޯޓަށް އަހާފައިވެއެވެ. ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަަމަށް 12 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.
މިއަދުގެ ޖަލްސާއަށް ތައާރަފްކުރި ބިލްގެ ބަހުސް ނިންމާލިއިރު ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ 13 މެންބަރުންނެވެ. ބިލުގެ ބަހުސްއަށް އިދިކޮޅު އެމްޑީޕީއަށް ދިން ވަގުތު ހަމަވެފައިވާއިރު އެ ޕާޓީއިން ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ 7 މެންބަރެކެވެ. ދެން އެ ބިލްގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ 5 މެންބަރުންނާއި އަމިއްލަ މެންބަރެވެ.
ސަރުކާރުން ވަނީ މައިގަނޑު ތިން ކަމެއް ގާނޫނުއަސާސީގައި ހިމަނަން މިއަދު ހުށަހަޅުއްވާފައެވެ. އެއީ؛
- މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުން
- ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
- ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
މި އިސްލާހުތައް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.