އަރަބިއްޔާ ސްކޫލުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެންމެ ފުރަތަމަ މަސައްކަތް ކޮށްދީ އެހީތެރިކަން ފޯރުކޮށްދީފައިވާނީ މާލެ ސިޓީ ކައުންސިލުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ “ފަސްމަންޒަރު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ، އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާއި ބައްދަލުކުރާނެ އެއްވެސް އިދާރެއް އަދި ވުޒާރާއެއް ނެތިފައި ތިއްބައި އެބޭފުޅުންނާއި ބައްދަލުކޮށް ހައްލެއް ހޯދައިދެއްވުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރީ މާލެ ސިޓީ ކައުންސިލް ކަމުގައެވެ.
އަދި އެބޭފުޅުންނާއި ބައްދަލުކޮށް ޔޫއެންގެ އިމާރާތެއްގެ ގޮތުގައި ބޭނުންކުރިތަނަކީ ވަގުތީ ސްކޫލަކަށް ބޭނުން ކުރުމަށް އެކަށީގެންވާ ތަނަކަށްވުމުން އެތަން ބޭނުން ކުރުމަށް ހުއްދައަށް އެދުމަށް ދެންނެވި ކަމުގައިވެސް މޭޔަރު ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުން އެކަމަށް ހުއްދަ ނުދިނީ ކަމެއް ނުވަތަ އެބޭފުޅުންނަށް ސަރުކާރުގައި ނުދެންނެވުނީކަމެއް ނޭނގޭ ކަމުގައި މޭޔަރު ވިދާޅުވިއެވެ.
ސަރުކާރުން އަރަބިއްޔާ ސްކޫލް އެޅުމަށް ފަހުން ނިންމީ މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަޙައްދުކަން ފާހަގަ ކުރައްވަމުން މޭޔަރު ވިދާޅުވީ އެތަނަކީ ސްކޫލެއް އަޅަން އެންމެ އެކަށީގެންނުވާ ތަން ކަމުގައި ވީނަމަވެސް އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ހައްގުގައި ސަރުކާރުން ބޭނުންވި ގޮތަށް އެތަނުގެ ރަޖިސްޓްރީވެސް ބަދަލުކޮށްދީފައިވާނެ ކަމަށެވެ.