މާލޭގައި ހުންނަ ފުރްޤާން މިސްކިތަށް ގެއްލުންދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވަނީ ސޯޝަލް މީޑިއާގައި ފޮޓޯތަކާއެކު ކުރެއްވި ޕޯސްޓެއްގައި މިއަދު ފަތިސް ނަމާދުގެ ކުރިން އެ މިސްކިތުގެ މުސްޙަފްތައް އުކާލައި، އިމާމު ހުންނަ ސަރަޙައްދުގެ ކަރަންޓު ބޯޑުތަކާއި އެޑެޕްޓަރުތަކަށް ގެއްލުންދީ، އަދި ވުޟޫކުރާ ތަނުގެ އިސްކުރުތަކެއް ހަލާކުކޮށްލާފައިވާކަމަށް ވިދާޅުވެފައެވެ.
އަދި ޕޯސްޓުގައި މި ޢަމަލު ހިންގާފައިވަނީ އެ މިސްކިތުގައި އަބަދުވެސް، ނަމާދު ވަގުތުތަކުގައިވެސް ނިދާފައި އޮންނަ “ބުއްދި ފިލާގޮސްފައިވާ” ޒުވާނެއް ކަމަށް ވިދާޅުވެފައިވެއެވެ.
“މީގެ ކުރިންވެސް އެތައް ފަހަރަކު މި ފަރާތުން ވަނީ މުސްޙަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް މި މިސްކިތުގައި ކޮށްފަ. މިވަރު ކުރަމުންދާއިރު މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑިއިރު މާލެ ސިޓީ ކައުންސިލުން ބަލަން ތިބޭ ތިބުމުގެ އެއްވެސް ފައިދާއެއް އެބައޮތްތޯއެވެ؟” ޝައިޚް އާދަމް ނިޝާން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ޝައިޚް އާދަމް ނިޝާން ވިދާޅުވީ މި ފަރާތުގެ މައްސަލަ ކުރިންވެސް އެތައް ފަހަރަކު ފުލުހުންނަށް ރިޕޯޓުކުރެވިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ފަތިސް ނަމާދަށްފަހު ފުލުހުން ވަނީ މިސްކިތަށް ޙާޟިރުވެ މަޢުލޫމާތާއި، ހެކި ގެންދިޔަކަމަށް ޝައިޚް ނިޝާން ވިދާޅުވެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންނާއި ސުވާލުކުރުމުން މިފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.