ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުންތަކެއް ކުންފުނީގެ ތެލުން ވައްކަންކޮށް، އެ ފައިސާ ލޯންޑަރކުރަމުންދާކަމަށް ޝައްކުކުރެވޭ މައްސަލައެއް ތަޙުޤީޤުކުރަމުންދާކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަލީ އިހްސާން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ފުލުހުންގެ ޚާއްޞަ ޓީމުތަކުން މިހާތަނަށް މި މައްސަލައިގައި 10 މީހުންނާއި 2 ގެއެއް އަދި ތެޔޮ އުފުލާ 2 ބާޖު ބަލައި ފާސްކޮށްފައިވާކަމަށާއި، މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުންތައްވެސް ހޯދާފައިވާ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރ އިހްސާން ވިދާޅުވެފައިވަނީ، ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން، މައްސަލައާ ގުޅޭ އިތުރު ތަފްޞީލު ދިވެހި ރައްޔިތުންނާ ހިއްސާކުރާނެ ކަމަށެވެ.
މިނިސްޓަރ އިހްސާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިފަދަ މައްސަލަތައް ހޯދައި، އަވަހަށް ތަޙުޤީޤުކޮށް، ވަކި މީހަކު އިސްތިސްނާނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ވަރަށް އިސްކަންދެއެވެ.
އިހުސާން އިތުރަށް ވިދާޅުވީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އެ މައްސަލައާ ގުޅުންހުރި އިތުރު ތަފުސީލުތައް ހާމަކުރައްވާނެ ކަމަށެވެ.