ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންޅުމާލޭގެ ދެވަނަ ފިޔަވަހިން އިތުރު 10 ބިން ހަމައެކަނި ދިވެހިންނަށް ގަނެވޭގޮތަށް ވިއްކުމަށް ހުޅުވާލައިފިއެވެ. މި ބިންތައް ދޫކުރަނީ ބީލަމުގެ އުސޫލުންނެވެ.
އެޗްޑީސީން މައުލޫމާތު ދެއްވިގޮތުގައި، މި 10 ބިމުގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ދޫކުރާ 3 ބިމަކާއި ބީޗް ސައިޑުން ދޫކުރާ 7 ބިމެވެ. ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައިވަނީ 1559 އަކަފޫޓާއި 3250 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އަދި ބީޗް ސައިޑުން ދޫކުރަނީ 1230 އަކަފޫޓާއި 1534 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.
މި ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިގެންވަނީ އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށެވެ. އަދި ކުންފުނިތަކުން ބީލަން ހުށަހަޅާނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100% ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާންޖެހެއެވެ.
އެޗްޑީސީން އިތުރަށް ހާމަކުރިގޮތުގައި، ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4500 ރުފިޔާއެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4000 ރުފިޔާއެވެ. ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެއެވެ.
މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން ވެސް ސާފުކުރެވޭނެކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.