މޫސުން ބަދަލުވާ ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ ސަރަހައްދުތަކަށް މި ދުވަސްވަރު ވައިނުސާފުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
އެޗްޕީއޭއިން ބުނީ އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑާ އެއްކޮށް ރާއްޖޭގެ ވައި ނުސާފުވެފައިވާއިރު ،ވައިގެ ނުސާފުކަން ހުރުން ރަނގަޅީ 0-50 އާ ދެމެދުގައި ކަމަށެވެ.
އައިކިޔުއެއާ އެޕުން ދައްކާ ގޮތުގައި، އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައި ވަނީ ވިލިމާލެއަށެވެ. ވައިގެ ތަޣައްޔަރުކަން ބަލާ މިންގަނޑުން އެ ރަށުގައި އުޅެނީ 94ގައެވެ. މާލެއަށް 82ގައި އުޅޭއިރު، ށ.ފުނަދޫއަށް އުޅެނީ 55ގައެވެ.
އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ވަނީ، ވައި ނުސާފުވާ ވަގުތުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފަ އެވެ.
ވައިނުސާފުވުމުގައި ސަމާލުކަން ދޭންވީ ކަންކަން
- ފުއްޕާމޭގެ ބަލިތަކާ ހިތުގެ ބަލިތަކާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން
- ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި ރައްކާތެރިވުމުގެ ގޮތުން މާސްކް އެޅުން
- ތުއްތު ކުދިން ބޭރަށް ނުނެރުން
- ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން އަދި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން
- ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
- ވައިނުސާފުވާ ވަގުތުތަކުގައި ބޭރުގައި ކުޅިވަރު ކުރުމާއި ކަސްރަތު ކުރުން މަޑުޖައްސާލުން
މެޓް އޮފިހުން ވެސް ވަނީ ޑިސެންބަރު މަހާއި މާޗް މާހާއި ދޭތެރޭގައި އާންމު ގޮތެއްގައި ވައިގެ ކޮލިޓީ ދަށްވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.