ހުރަވީ ދުވަހަކީ ޤައުމަށް އަމާނާތްތެރިވުމާއި ޚިޔާނާތްތެރިވުމުގެ މިސާލު ފެންނަ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ދޮންބަންޑާރައިންގެ މަތިވެރި ޖިހާދާއި ރީތި އަޚްލާޤަކީ މިއަދު ނަމޫނާއަކަށް ހަދަންޖެހޭ ކަންކަން ކަމަށް ވިދާޅުވެފައެވެ.
ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3ވަނަ ދުވަހުއެވެ. އެއީ މީލާދީ ތާރީޚުން ބަލާނަމަ 1980ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18ވަނަ ދުވަހެވެ.
ހިޖުރައިން 1166ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3ވީ އާދީއްތަ ވިލޭރެއަކީ، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ) ނުވަތަ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީޚެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުން ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.