ހުޅުމާލޭ ރައްޔިތުން މާލެ ނައިސް ޑްރައިވިން ލައިސަންސް ތިއަރީ ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އެދި ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.
ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރާއި ބައްދަލު ކުރައްވާ ހުޅުމާލެ ރައްޔިތުންނާއި، ޒުވާނުންގެ ފަރާތުން އެ ރައްޔިތުންނަށް މާލެ ނައިސް ހުޅުމާލެއިން ލައިސަންސް ތިއަރީ ޓެސްޓް ހެދޭނެ ގޮތް މާލެ ސިޓީ ކައުންސިލާއި ގުޅިގެން އިންތިޒާމް ކޮށްދެއްވުމަށް އެދިފައިވާނެ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ލަސްތަކެއްނުވެ އެކަން ހުޅުމާލޭގައި އިންތިޒާމް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވި ކަމަށެވެ.
ސިޓީ ކައުންސިލްގެ އެހީތެރި ކަމާއިއެކު މާލޭގެ ޑްރައިވިންގ ޓްރެކް ހުޅުމާލޭގައި ޤާއިމްކޮށް ނިންމައި ދުއްވުމުގެ ޓެސްޓް ހުޅުމާލެ ޓްރެކް ގައި ހަދަންފަށާފައިވާކަން ފާހަގަ ކުރައްވަމުން ޝުޖާއު ވިދާޅުވީ ހުޅުމާލެ ރައްޔިތުންނަށް މާލެ ނައިސް ޑްރައިވިންގ ލައިސަންސް ހެއްދޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކޮށްދިނުމަށް ކެމްޕޭނު ތެރޭގައި ހުޅުމާލޭގެ ރައްޔިތުން އެދިފައިވާކަމަށެވެ.
އަދި ޝުޖާއު ވިދާޅުވީ އެދުމަކީ ވީ އެންމެ އަވަސް ފުރުޞަތެއްގައި ޓްރާންސްޕޯޓް މިނިސްޓްރީ އިން މި މަސައްކަތް ފައްޓަވައިދެއްވުން ކަމަށެވެ.