ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާ ޚިލާފުވާ ބިދޭސީންގެ ހުއްދަތައް ބާޠިލުކޮށް، އެއްވެސް އެންގުމަކާ ނުލައި އަވަސް މަރުޙަލާއެއްގެ ތެރެއިން ޤައުމުން ބޭރުކުރެވޭނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
“އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ އިމިގްރޭޝަން ޤާނޫނު 2007 ގެ 20 ވަނަ މާއްދާގެ ދަށުން، ޤައުމުގެ ޤާނޫނާއި ގަވާއިދުތަކާ ޚިލާފުވެ، އާންމު މަޞްލަޙަތަށް ގެއްލުން ލިބޭ ގޮތަށް އަދި އިޖްތިމާޢީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް ޢަމަލުކުރާ ބިދޭސީންގެ މައްޗަށް މި ފިޔަވަޅު އެޅޭނެ ކަމަށެވެ.
އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤާނޫނު ތަންފީޒުކޮށް، ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޤާނޫނުން ލިބިދޭ ޒިންމާތައް އަދާކުރާނެ ކަމަށްވެސް ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމަށް ކޮންޓްރޯލަރ ޖެނެރަލް ޝުކުރު އަދާކުރެއްވިއެވެ.
ޝައްމާން މިހެން ވިދާޅުވެފައި މިވަނީ މިފަހަކަށް އައިސް ބިދޭސީންގެ މެދުގައި ހަމަނުޖެހުންތައް ހިންގައި އާންމުންގެ ތެރޭގައި މާރާމާރީ ހިންގުން އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން މުސާރަ ނުދޭކަމަށް ބުނެ ބިދޭސީންތަކެއް މުލިއާގެ ހިމެނޭ ސަރަޙައްދުގައި ހިތްހަމަނުޖެހުން ފާޅުކުރަމުންދިޔަ 55 ބިދޭސީން މިއަދު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.