ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ހޫޘީ ހަނގުރާމަވެރިން ބެލިސްޓިކް މިސައިލް ހަމަލާއެއް ދޭން ކުރި މަސައްކަތް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ސައޫދީ އަރަބިއްޔާގެ އަވަށްޓެރި ޔަމަންގައި އަލުން ހަނގުރާމަ ފެށުނު ފަހުން، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟް އަށް ވައިގެ ހަމަލާއެއްގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ރޭ ފުރަތަމަ ފަހަރަށް ނެރެފަ އެވެ.
އޭއެފްޕީގެ ނޫސްވެރިން ބުނި ގޮތުގައި ފަތިހު މި އެލާޓް ކެންސަލް ކުރުމުގެ ކުރިން ވަނީ ރިޔާޟުން ބާރުގަދަ ގޮވުންތަކެއް އަޑު ވެސް އިވިފަ އެވެ.
މިކަމާއި ގުޅިގެން މިނިސްޓަރު ޝަހީމް ވިދާޅުވީ، ސައޫދީ އަރަބިއްޔާގެ ސަލާމަތާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ނަގާލުމަށް އަމާޒުކޮށް ހޫޘީ މިލީޝިއާއިން ދޭން އުޅުނު މި ނުރައްކާތެރި އަދި ފިނޑި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
މީގެއިތުރުން، ސައޫދީ އަރަބިއްޔާއާއި އެ ގައުމުގެ ރައްޔިތުން ރައްކާތެރިކޮށްދެއްވައި، އެ ގައުމުގެ އަމާންކަމާއި ހަމަޖެހުން ދަމަހައްޓަވައި، އަދި ހަމަލާދޭ ފަރާތްތަކުގެ ރޭވުންތައް ނާކާމިޔާބު ކުރެއްވުން އެދި އެމަނިކުފާނު ވަނީ ދުއާ ކުރައްވާފައެވެ.



