ކޮމިޔުނިޓީ ސްކޫލުތަކަށް ސަރުކާރުގެ ފަރާތުން އިތުރު އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިފަދައިން ވިދާޅުވީ މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ހަވީރު ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، މާފަންނު މަދަރުސާއަކީ ފަޚުރުވެރި މާޒީއެއް އޮތް، އެތައް ޚިދުމަތްތެރިންނެއް ބިނާކޮށްފައިވާ ސްކޫލެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި މި ސްކޫލަކީ ކޮމިޔުނިޓީ ކޮންސެޕްޓުގައި ހިންގާ ސްކޫލެއްކަން ފާހަގަކުރައްވައި، މިފަދަ ސްކޫލުތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި ވިދާޅުވިއެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތަޢުލީމީ ދާއިރާއަށް ވެސް ރައީސް އަލިއަޅުވާލެއްވިއެވެ. މިގޮތުން، ސެން ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ފަށާފައިވާކަމާއި، މި މަސައްކަތުގެ ތެރެއިން ޑިޕްލޮމާއިން ފެށިގެން ޑިގްރީ ފެންވަރަށް ޓީޗަރުން ތަމްރީނުކުރެވޭނެކަން ހާމަކުރެއްވިއެވެ.
މާފަންނު މަދަރުސާގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާނެ މަސައްކަތްތަކުގެ ތެރޭގައި، އަންނަ އަހަރު ބިންމަތީގައި ހުންނަ ހޯލެއް އިމާރާތްކޮށްދިނުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ސްކޫލުގެ ކުރިއެރުމަށް ކުރެވެންހުރި އެންމެހައި ކަންކަން ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.