އަންނަ އަހަރުގެ ތެރޭގައި އއ. ތޮއްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އއ. ތޮއްޑޫއަށް މިއަދު ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ މި އަހަރުގެ ތެރޭގައި ރަށްރަށުގައި މަޝްރޫއުތައް ނުފެށުނު ސަބަބަކީ މިހާރު ތަންފީޒުކުރަމުންދަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޭރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ފާސްކޮށްފައިވާ ބަޖެޓަކަށްވާތީ ކަމަށެވެ.
ރައީސް ވިދާޅުވީ ތޮއްޑު އަށް މި ވަގުތު އޮތް އެންމެ ބޮޑު އެއް ދައްޗަކީ ރަށުގެ މަގުތަކުގެ ހާލަތު ދަށްވުން ކަމަށެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދައި ދޭން އަންނަ އަހަރަކީ ތޮއްޑޫގެ މަގުތައް ހަދަން ފެށޭނެ އަހަރެއް ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ތޮއްޑޫގެ މަގުތަކުގެ ހާލަތު ދަށްވުމުގެ ސަބަބުން ވިއްސާރަ ދުވަސް ދުވަހު ދަރިވަރުން ސްކޫލްތަކަށް ގެންދަން ބެލެނިވެރިންނަށް ވެސް ވަރަށް ބޮޑެތި ދެތިތަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ތޮއްޑޫގެ މަގުތައް ހެދުމާއި ރަށުގެ ސްކޫލްގެ ޖާގަ ބޮޑުކޮށް ދިނުމާއި ރަށުގެ ސިއްހީ މަރުކަޒު ވެސް ބޮޑުކޮށް ދިނުމަކީ އަންނަ އަހަރު ސަރުކާރުން ކޮށްދޭނެ ކަންކަން ކަމަށެވެ. އެގޮތުން ޖުމްލޮށް، ތޮއްޑޫގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ތޮއްޑު އަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެ ކުރިއަރަަމުން އަންނަ ރަށަކަށްވާތީ އެ ރަށަށް ޑޮލަރު އޭޓީއެމެއްގެ މުހިއްމުކަން ބޮޑުވާ ކަމަށެވެ. އެހެންވެ އަންނަ އަހަރުގެ ތެރޭގައި އެކަން ކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.