ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އއ. އަތޮޅުގެ ތިން ރަށަކަށް ފެއްޓެވި ދަތުރުގެ ތެރެއިން އއ. ރަސްދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ރަސްދޫއަށް ވަޑައިގަތުމުން ތޮއްޑޫއެކޭ އެއްގޮތަށް އެ ރަށުން ވެސް އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ރަސްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވިއެވެ.
މިއަދު މެންދުރު ރަސްދޫ ކައުންސިލްގެ އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ރަސްދޫގެ ބޯހިޔާވަހިކަމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ބަލައިގަންނަކަން ޝުކުރުވެރިކަމާއެކު ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ތަރައްޤީއަށް މިވަގުތު އެންމެ މުހިންމު ކަންކަމުގެ މަޢުލޫމާތު ރައީސް މުޢިއްޒަށް ހިއްސާކުރެއްވިއެވެ. މީގެ ތެރޭގައި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، އިތުރު 50 ހައުސިންގ ޔުނިޓް އެޅުމުގެ ބޭނުންތެރިކަމާއި، މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތައް ހިމެނެއެވެ.
ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި މި ކަންކަން ފަހިކުރެއްވުމަށް މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ.
މީގެއިތުރުން، ކައުންސިލުން އިޤްތިޞާދީ ފައިދާވާފަދަ މަޝްރޫޢުތަކަށް ހުށަހަޅުއްވައިފިނަމަ، ސަރުކާރުން އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައިވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.