ރާއްޖޭގެ ހުރިހާ ރަށަކަށް ވެފައިވާ ވަޢުދުތަކުގައި ހިމެނޭ އެންމެ މަޝްރޫޢެއްވެސް ދޫކޮށްނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިހެން ވިދާޅުވި މިއަންނަ އަހަރާއި ދެން އަންނަ އަހަރަށް ޕްލޭންކޮށްފައި އޮތީ، ރާއްޖޭގެ ހުރިހާ ރަށަކަށް، އެންމެ ކުޑަ ރަށެއްވެސް ބާކީ ނުކޮށް ހުރިހާ ރަށަކަށް ވެފައި ހުރި ވަޢުދުތަކުގައި ހިމެނޭ މަޝްރޫޢުތައް ޢަމަލީ ގޮތުން ފައްޓައި ނިންމުމަށް ކަމަށްށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓަކީ “ތަޅެއް އަޅުވާފައި އޮތް ބަޖެޓެއް” ކަމަށާއި، އެހެންކަމުން ތަރައްޤީގެ މަޝްރޫޢުތަކަށް އެހާ ބޮޑު އިސްކަމެއް ދެވޭ ގޮތަކަށް ނޫން ކަމަށެވެ. ކޮންމެ މަޝްރޫޢަކަށް ކުޑަކުޑަ އަދަދެއްގެ ފައިސާކޮޅެއް ހިމަނާފައި މަޝްރޫޢުތައް އޮތީ ލިސްޓުކޮށްފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ރަސްދޫގައި ހަދަން ހަމަޖެހިފައިވާ ބަނދަރުގެ މަޝްރޫޢު ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ޓޫރިޒަމާއި ހުރިހާ ގޮތަކުންވެސް ވަރަށް ޔުނީކް ކޮންސެޕްޓަކަށް ހަދަން ރޭވިފައިވާ ބަނދަރެއް ކަމަށެވެ. ނަމަވެސް މި މަޝްރޫޢަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާފައި ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް ހުރިހާ ރަށެއްގެ މަޝްރޫއުތަކެއް ލިސްޓުތަކެއް ނުކުރެވުނަސް އެންމެ މަޝްރޫޢެއްވެސް ދޫކޮށްނުލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.