އިސްލާމީ ކެލިގްރަފީ އިން ހުނަރުވެރިކަން ދައްކާލި، ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ހުސެން ނާއިޝްގެ ހުނަރު އިތުރަށް ތަރައްޤީކޮށް، އޭނާއަށް އެ ދާއިރާއިން ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ދެއްވައިފިއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ ނާއިޝްއާއި އޭނާގެ އާއިލާއާ ބައްދަލުކުރެއްވުމަށްފަހުއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ނާއިޝްގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެދެއްވާނެކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި، ނާއިޝް ގްރޭޑް 10 ނިންމުމަށްފަހު، ގުރުއާނާ ބެހޭ މަރުކަޒުގައި އޭނާގެ ހުނަރު އެހެން ކުދިންނަށް ދަސްކޮށްދިނުމުގެ ފުރުސަތު ދެއްވާނެއެވެ. އަދި އަންނަ އަހަރު ހުޅުވޭ އައްޑޫގެ އިސްލާމިކް ސެންޓަރާއި ހިތަދޫ އިސްލާމިކް ސެންޓަރު އަދި ފުވައްމުލަކު ގުރުއާން މަރުކަޒުގައި ނާއިޝްގެ އިސްލާމިކް ކެލިގްރަފީގެ ލިޔުންތައް ބެހެއްޓުމުގެ ފުރުސަތުވެސް ދެއްވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދިނުމާއި، މި ދާއިރާއިން އިތުރު ހުނަރު ނާއިޝްއަށް ދަސްކޮށްދިނުމަށް ދާއިރާގެ ފަންނުވެރިޔަކު ހަމަޖައްސަވައިދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ށ. ކަނޑިތީމަށް އުފަން ނާއިޝްއަކީ ވާހަކަދެއްކުމާއި އިވުމުން މަޙުރޫމްވެފައިވާ ދަރިވަރެކެވެ. އޭނާގެ ހުނަރުވެރި ކުރެހުންތައް ފުރަތަމަ އާންމުކުރީ ޖަމާލުއްދީން ސްކޫލުންނެވެ. އެ ސްކޫލުގެ ފާރުގައި ޤުރުއާނުގެ އާޔަތްތައް ކެލިގްރާފްކޮށްފައިވާ މަންޒަރު އެ ސްކޫލުން އާންމުކުރުމާއެކު ގިނަ ބަޔަކު ވަނީ ނާއިޝްއަށް ތައުރީފްކޮށްފައެވެ.