ކ. ގާފަރަށް ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަންނަ އަހަރު ކުރިއަށް ގެންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ގާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރު ގާފަރުގެ ތަރައްޤީގެ މަޝްރޫޢުތައް އެމަނިކުފާނު އެދިވަޑައިގަންނަވާ ވަރަށް ކުރިއަށް ނުދިޔަކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ގާފަރަށް ވަޢުދުވެވަޑައިގެންފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަންނަ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓުގެ ދަށުން ފެށޭނެ ކަމަށް ވިދާޅުވިއެވެ.
ގާފަރު ބަނދަރާއި އޭގެ އިތުރުކުރުމާއި މަރާމާތުގެ ބޭނުންތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން، ރައީސް ހާމަކުރެއްވީ މެދުރާސްތާ އަދި ދުރުރާސްތާގެ ތަރައްޤީގެ ބޭނުންތަކަށް އަމާޒުކޮށް، ފުޅާކުރެވިފައިވާ ޑިޒައިނެއް ތައްޔާރުކުރުމަށް ކައުންސިލާއި މިނިސްޓްރީއާ ހަވާލުކުރައްވާފައިވާ ކަމަށެވެ. އެ ޑިޒައިން ނިމުމުން، މި މަޝްރޫޢު ޕީ.އެސް.އައި.ޕީ (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) ގައި ހިމަނައި ލަސްނުކޮށް ފެށޭނެ ކަމަށް އެމަނިކުފާނު ޔަޤީންކަން ދެއްވިއެވެ.
ރައީސް އިޢުލާންކުރެއްވި ގޮތުގައި، ގާފަރު ޞިއްޙީ މަރުކަޒު ރަނގަޅުކުރުމާއި ސްކޫލުގެ ޖާގަ އިތުރުކުރުން އަންނަ އަހަރު އައު ޕީ.އެސް.އައި.ޕީ ސިޔާސަތުތަކުގެ ދަށުން ތަންފީޒުކުރެވޭނެއެވެ.
ރަށުގެ އައިސްޕްލާންޓާ ގުޅޭ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން، އެމަނިކުފާނު ވިދާޅުވީ ވަޢުދުވެވަޑައިގެންފައިވާ ފަދައިން އޭގަދައިން އޭގެ ޖާގަ ދެގުނަ ކުރެވޭނެ ނަމަވެސް، މިވަގުތު އިސްކަންދެވޭނީ މިފަދަ ވަސީލަތްތައް ނެތް ރަށްރަށުގައި ޤާއިމުކުރުމަށް ކަމަށެވެ. އެހެންނަމަވެސް، ގާފަރުގެ މިހާރުގެ އައިސްޕްލާންޓު ރަނގަޅުކުރުމުގެ ވަޢުދު ދެމިއޮތްކަން އެމަނިކުފާނު ޔަޤީންކަން ދެއްވިއެވެ.
މީގެ އިތުރުން، ކުޅިވަރާއި ކުނި މެނޭޖްކުރުން ފަދަ އެހެނިހެން ދާއިރާތަކުގެ މަޝްރޫޢުތަކަށްވެސް ސަމާލުކަން ދެއްވާނެ ކަމަށާއި، ތަރައްޤީގެ އެއްވެސް ދާއިރާއެއް އިހުމާލުނުކުރައްވާނެ ކަމަށް ރައީސް ރައްޔިތުންނަށް ޔަޤީންކަން ދެއްވިއެވެ.