މާދަމާ އިން ފެށިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެކައުންޓް ހުޅުވާފައިވާ މަސްދޯނިތަކަށް، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކ. ގާފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ދައްކަން ޖެހިފައި އޮތް 38 މިލިއަން ރުފިޔާ ދައްކާ ޚަލާސްކުރެވިފައިވާ ކަމަށެވެ.
މަސްވެރިންނަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަމަށްވެސް ޙައްލެއް ގެނެސްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މާދަމާއިން ފެށިގެން، 4 ރަށެއްގައި ހުންނަ އެސްޓީއޯ ނުވަތަ އެފްއެސްއެމް ސައިޓްތަކުން “އެސްޓީއޯ ރޭޓް” ގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްވެރިންގެ ދަފްތަރަށް ޤާނޫނީ ޙައިޘިއްޔަތު ދެވި، އެހެން ދާއިރާތަކުގެ މަސައްކަތްތެރިންނަށް ލިބޭ އިނާޔަތްތައް މަސްވެރިންނަށްވެސް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައީސް ވަނީ ދެއްވާފައެވެ.
މި އިޢުލާންތަކާއެކު، މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ އިސްތިރާޖީ ވިސްނުންތަކާ ބެހޭ ގޮތުންވެސް ރައީސް ވާހަކަފުޅު ދައްކަވާފައިވެއެވެ.
އަދި މަސްވެރިކަމުގެ ސިނާޢަތަކީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ބޮޑު ހިއްސާއެއް އޮތް ސިނާޢަތަކަށް ހެދުމަކީ އެމަނިކުފާނުގެ އުންމީދެއް ކަމުގައި ވިދާޅުވެފައިވެއެވެ.