އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމަށްފަހު މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް އިތުރުވަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ވަނީ މި މައްސަލަތަކުގެ ތެރެއިން ޚާއްޞަކޮށް ފޭސްބުކްގައި ހިންގާ “ހޯމް އާޓް ފަރުނީޗަރ” ޕޭޖާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދާކަން ފާހަގަކޮށްފައެވެ.
ފުލުހުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮންލައިންކޮށް މުދާ ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި “ހޯމް އާޓް ފަރުނީޗަރ” ޕޭޖުން މުދާ ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށާއި އޮންލައިންކޮށް ވިޔަފާރިކުރާނަމަ އެ ވިޔަފާރިއެއްގެ ސައްހަކަން ކަށަވަރުކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
“މިފަދަ ފްރޯޑް މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރެއްވުމަށް އަޅުގަނޑުމެން ދަންނަވަމެވެ.” ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.