މާއާންމު ދިރިއުޅުމަށް ބޭނުންކުރާ ކަރަންޓު ބިލުތަކުގެ ޖޫރިމަނާ މަޢާފުކުރުމަށް ދީފައިވާ މުއްދަތު ހަމަވާން ކައިރިވެފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މަޢާފުކޮށް، ޖޫރިމަނާއާ ނުލައި ފައިސާ ދެއްކުމުގެ އިންތިޒާމު 1 އޭޕްރިލް 2024 އިން ފެށިގެން ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މި އިންތިޒާމުގެ ދަށުން، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި ބިލުތަކަށް ޖޫރިމަނާ މަޢާފުކުރެވޭނެއެވެ. މިގޮތުން، ބިލުތަކުގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާއާ ނުލައި ބާކީ އަދަދު) ދެއްކުމުން، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ބިލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކުރެވޭނެ ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.
އަދި މި މުއްދަތުގެ ބިލުތަކަށްވާ ފައިސާގެ އަދަދު 31 ޑިސެމްބަރ 2024 ގެ ނިޔަލަށް، ޖޫރިމަނާއާ ނުލައި ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، މިގޮތުން ޖޫރިމަނާއާ ނުލައި ބާކީ އަދަދު ދެއްކޭނެ ގޮތަށް ބިލުތަކަށް ވަގުތީ ގޮތުން އެޖަސްޓްމަންޓެއް ހިމަނާފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
ނަމަވެސް، މި ބިލުތަކަށް 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ޔޫސޭޖް އަދަދު (ޕްރިންސިޕަލް އަދަދު) ދައްކާ ހަލާސް ނުކުރެވޭނަމަ، އެޖަސްޓުކުރެވިފައިވާ ޖޫރިމަނާ އަދަދު އަލުން 1 ޖަނަވަރީ 2025 އިން ފެށިގެން ބިލުތަކުގައި ހިމެނިގެންދާނެ ކަމަށް ސްޓެލްކޯއިން އިންޒާރު ދީފައިވެއެވެ.
މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ސްޓެލްކޯގެ ހޮޓްލްކޯގެ ހޮޓްލައިން 1545 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ކުންފުނިން އެދިފައިވެއެވެ.