ސައުދީ އަރަބިއްޔާއިން 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކޮށްފައިވާތީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ކިޔުއްވައިފިއެވެ. މިކަމާ ގުޅިގެން ރައީސް މުޢިއްޒު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ ޕޯސްޓުގައި، ދެ މަސްޖިދުލް ޙަރަމައިންގެ ޚާދިމު، ސަލްމާން ބިން އަބްދުލްއަޒީޒް އަލްސައޫދަށާއި، ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާނަށާއި، ސައުދީ ސަރުކާރަށާއި އަދި އެޤައުމުގެ އަޚް ރައްޔިތުންނަށް މަރުޙަބާ ދަންނަވާފައިވެއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، މިއީ ސައުދީ އަރަބިއްޔާގެ ދުނިޔޭގެ ނުފޫޒު އިތުރުވަމުން އަންނަކަމުގެ ހެއްކެއް ކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެޤައުމުގެ ވަރުގަދަ ލީޑަރޝިޕްގެ ނަތީޖާއެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ސައުދީ އަރަބިއްޔާއަށް ލިބުނު ފަޚުރެއް ނޫންކަމަށާއި، މުޅި އަރަބި ދުނިޔެއަށާއި އިސްލާމީ އުއްމަތަށް ލިބުނު ފަޚުރެއް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ، 2034 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ހަމައެކަނި ކުޅިވަރުގެ ހުނަރު ދައްކާލުމުގެ މުބާރާތެއް ނޫންކަމަށާއި، އެއްބައިވަންތަކަމާއި، ސަގާފަތާއި އައު އީޖާދުތައް ފާހަގަކުރާ މުބާރާތަކަށް ވެގެންދާނެކަމުގެ އުއްމީދު އޮތްކަމަށެވެ.