އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދެ މެންބަރުކަމުގެ މަޤާމަށް އައު ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޤާމުތައް ހުސްވެފައިވަނީ އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުޙައްމަދު އާޞިފް، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ޤާނޫނާ ޚިލާފު އެތައް ކަމެއް ކުރިކަމުގެ ތުހުމަތުގައި މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ހުސްވެފައިވާ މަޤާމުތަކަށް އައްޔަންކުރުމަށް ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެއީ:
1. މުޙައްމަދު ޒާހިދު (ދަފްތަރު ނަންބަރު ރސ. 1548)
2. ޢަބްދުއްރަޙްމާން ޞަލާޙު ރަޝީދު (ރޯޒް، ކ. ހުރާ)
މި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
މުޙައްމަދު ޒާހިދަކީ ކުރީގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ނައިބު ރައީސެކެވެ. އޭނާ އެ މަޤާމުން ވަކިކުރެވުނީ 2020 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ވަނީ އެޗްއާރްސީއެމްގެ މެންބަރުކަމާއި ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
ޢަބްދުއްރަޙްމާން ޞަލާޙު ރަޝީދަކީ ކުރީގެ އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލެކެވެ. އަދި އޭނާ ވަނީ ހޯމް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުވެސް ފުރުއްވާފައެވެ.
މި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށްފަހު، މަޖިލީހުގެ ކޮމިޓީން ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް، އިލެކްޝަންސް ކޮމިޝަނުގެ އައު މެންބަރުން އައްޔަންކުރެވޭނެއެވެ.