ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތިން ވުޒާރާގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރޭގެ ވަގުތެއްގައި ދަރުބާރުގެއަށް ވަޑައިގެން އެތަނުގައި ހަމަޖައްސަމުންދާ އިންތިޒާމުތައް ބައްލަވާލައްވާފައެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ ހިންގާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި، އެ ވުޒާރާއާއި އިމާރާތްކުރުމާއި ބިނާވެށްޓާބެހޭ ވުޒާރާ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އިންވެގެން ހުންނަ ގްރީން ބިލްޑިންގައި ހިންގަމުން އަންނަ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދަރުބާރުގެއަށް ކުރެއްވި ޒިޔާރަތުގައި، އެ ތިން ވުޒާރާގެ މަސައްކަތްތައް އަލުން ފެށުމަށްޓަކައި ޢަމަލުކުރަންވީ ގޮތްތަކާ ގުޅޭ އިރުޝާދުތައް ވަނީ ދެއްވާފައެވެ. ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެފައިވަނީ، އެ ވުޒާރާގެ މަސައްކަތްތައް އާދީއްތަ ދުވަހު އަލުން ފެށޭނެ ކަމަށެވެ.
މި ހާދިސާގެ ސަބަބުން ތިން ވުޒާރާގެ މަސައްކަތްތައް ވަނީ ވަގުތީގޮތުން ހުއްޓިފައެވެ. ނަމަވެސް، ރައްޔިތުންނަށް ދެމުންދާ ެޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، ވުޒާރާތަކުގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.