ބޭރު ފައިސާއާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
މި ބިލަކީ، 2024 ޑިސެންބަރު 12 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 60 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުގެ މަޤުޞަދަކީ ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ދިވެހިރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުސޫލުތަކާއި، އެނޫންވެސް ބޭރު ފައިސާއާބެހޭ މުޢާމަލާތްތަކާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަމާބެހޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ކަނޑައަޅައި އެކުލަވައިލުމެވެ.
މި ބިލުން، ބިލުގައި ކަނޑައަޅައިފައިވާ ވަކި ހާލަތުތަކެއްގައި މެނުވީ، ރާއްޖޭގައި ކުރެވޭ އެއްވެސް މަނިޓަރީ އިލްތިޒާމެއް ނުވަތަ މުއާމަލާތެއް، ދިވެހި ފައިސާ ފިޔަވައި، އެހެން އެއްވެސް ބޭރު ފައިސާއަކުން ކުރުމާއި، ހުށަހެޅުމާއި އަދާކުރުން މަނާކޮށް، ދިވެހިރާއްޖޭގައި ދިވެއްސަކު ގަންނަ މުދަލާއި ހޯދާ ޚިދުމަތުގެ އަގު، ބޭރު ފައިސާއިން އަދާކުރުމަށް ލާޒިމު ނުކުރެވޭ ގޮތަށް އުސޫލު ކަނޑައަޅައިފައިވެއެވެ.
އަދި މި ބިލުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ (ރިއަލައިޒްޑް ސޭލްސް ޕްރޮސީޑްސް) ލިބޭ، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް، މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15،000،000.00 (ފަނަރަ މިލިއަން) އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތަކުން، ވަކި މުއްދަތުތަކެއްގައި އެމް.އެމް.އޭ ގައި ރަޖިސްޓްރީކޮށް، އެފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތްތަކުން ލިބޭ ބޭރު ފައިސާގެ އާމްދަނީ، ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭންކެއްގައި ހުޅުވައިފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފަރ ކުރާގޮތަށް ކަނޑައަޅައިފައިވެއެވެ.
ހަމައެހެންމެ، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ތިރީގައި މިދަންނަވާ 3 ގިންތިއަށް ފެތޭ ފަރާތްތަކުން، އެ ފަރާތްތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް، ބޭންކަކަށް މާރުކުރަންޖެހޭގޮތަށް ކަނޑައަޅައި، ބޭންކުން އެ ބޭރު ފައިސާގެ ވަކި އިންސައްތައެއް، އެމް.އެމް.އޭ އިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، އެމް.އޭ.އޭ އަށް ވިއްކާގޮތަށްވެސް މި ބިލުން ހުށަހަޅައިފައިވެއެވެ. އެގޮތުން:
ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓޭބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓުތަކާއި، އިންޓްގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ޕްރައިވެޓް އައިލަންޑްތަކާއި، ރިސޯޓު ހޮޓާތަކާއި، އެނޫންވެސް އެފަދަ ތަންތަނުން، މިލާދީ މަހެއްގެ ތެރޭގައި އެ އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ ޢަދަދު، ނުވަތަ، މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ (ގްރޮސް ސޭލްސް) ގެ 20 އިންސައްތަ، މި ދެގޮތުންކުރެ ގޮތަކަށް ބޭރު ފައިސާ ބޭންކަކަށް މާރުކުރުން.
ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓޭބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ، ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުން، މީލާދީ މަހެއްގެ ތެރޭގައި އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ ޢަދަދު، ނުވަތަ މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ 20 އިންސައްތަ، މި ދެގޮތުންކުރެ ގޮތަކަށް ބޭރު ފައިސާ، ބޭންކަކަށް މާރުކުރުން.
ކެޓެގަރީ-އޭ އާއި ކެޓެގަރީ-ބީ ފިޔަވައި، އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތްތަކަށް ފާއިތުވި މީލާދީ އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15،000،000 އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޚިދުމަތަށް، މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ، ބޭންކަކަށް ރުފިޔާއަށް މާރުކުރުން.
މި ޤާނޫނު ހިންގައި ތަންފީޛުކުރުމުގެ މައި އިދާރާއަކީ، މޯލްޑިވްސް މަނިޓަރީ އޮތީރިޓީންކަމަށާއި، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، ޤަނޫނަށް އަމަލުކުރަން ފަށާތާ 2 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހެދުމަށް ބިލުގައި ހުށަހަޅައިފައިވެއެވެ.
ބޭރު ފައިސާއާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2025 ގައެވެ.