އދ. ދަނގެއްޗަށް ބޭނުންވާ މުހިންމު މަޝްރޫޢުތައް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ އދ. ދަނގެތީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި، ދަނގެތީގެ ބަނދަރުގެ މަސައްކަތް އަންނަ އަހަރު ފަށައި، އެންމެ ލަސްވެގެން 2026 ވަނަ އަހަރު ނިންމާލެވޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން، ރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ލަސްވެގެން 2026 ވަނަ އަހަރު 27 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ފަށްޓަވައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑުމެން މި ހުރިހާ ކަމެއް މި ކުރަނީ ކުރިން ވެސް އަޅުގަނޑު ދެންނެވި ފަދައިން، އަޅުގަނޑުމެންގެ އިގުތިސާދު ވެއްޓިފައި އޮތް ފުން އަނދަވަޅުން ނަގައި ކޮޅަށް ޖަހަމުން. އަޅުގަނޑުމެން ބަނގުރޫޓުވަމުންދަނިކޮށް އިރާދަކުރެއްވިއްޔާ ސަލާމަތްކޮށްގެން” ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ ރައީސް މުޢިއްޒު ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މިހާތަނަށް ރައީސް ވަނީ ގިނަ ރަށްތަކަކަށް ޒިޔާރަތްކުރައްވާފައެވެ. އަދި މި ވަގުތު ވަޑައިނުގެންނެވި އޮތީ ވަރަށް މަދު ރަށަކަށެވެ.