އަންނަ އަހަރަކީ އދ. މަހިބަދޫގައި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށޭނެ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިހާރުވެސް ރަށުން ލިބެން އޮތް ބިމުގައި ހައުސިންގ ޔުނިޓު އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެއެވެ. އަދި މަހިބަދޫގެ އިޚްތިޞާޞްގައި ހިމެނޭ މާފަރު ފަޅު ހިއްކައި ތަރައްޤީކުރުމުގެ ކޮންސެޕްޓު ފަރުމާކުރުމުގައި ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މަހިބަދޫ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީވުމުން، އޭގެ ފައިދާ ލިބޭނީ ހަމައެކަނި ރަށުގެ ރައްޔިތުންނަށް ނޫނެވެ. މުޅި ސަރަޙައްދަށްވެސް އެ ފައިދާ ލިބޭނެއެވެ. އަދި މާފަރު ފަޅަކީ، އަރބަން ސެންޓަރުގެ ޙަޤީޤީ މާނައިގައި ތަރައްޤީވެގެންދާނެ ތަނެއް ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ޢުމްރާނީ ތަރައްޤީގެ އިތުރުން މާނަވީ ތަރައްޤީ ގެނެސްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ، ހަތަރު އަހަރުގެ ތެރޭގައި، ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީގެ ކަންކަން ބައްޓަންކުރުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.