ރާއްޖޭގައި ވޭޕްގެ ވިޔަފާރިއާއި ބޭނުންކުރުން މަނާކުރުމަކީ ޢަޒުމާއެކު މަސައްކަތްކޮށްގެން ހާސިލުކުރެވުނު ކާމިޔާބީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ. މަހިބަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ވޭޕްގެ ސަބަބުން ޤައުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދިޔަ ކަމަށާއި، ޤައުމުގެ ދަރިން މި ވަބާއިން ސަލާމަތްކުރުމަށް ޙާލުގެ ދުލުން އެދެމުންދިޔަ ކަމަށެވެ. އަދި މުޖުތަމަޢުތަކަކީ ވޭޕާއި މަސްތުގެ ވަބާތަކުން ސަލާމަތްކުރެވިފައިވާ މުޖުތަމަޢުތަކަކަށް ހަދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޙަޤީޤީ ތަރައްޤީއަކީ ލޮލަށް ފެންނަ ތަރައްޤީ އެކަނި ނޫން ކަމަށާއި، މާއްދީ ތަރައްޤީއާއެކު ފިކުރީ އަދި އިންސާނީ ތަރައްޤީވެސް ހާސިލުކުރަންޖެހޭ ކަމަށެވެ. އަދި މުޖުތަމަޢުގައި ފެތުރިފައިވާ ނުރަނގަޅު އާދަތަކުން ސަލާމަތްވެވެން އޮތީ ޢަޒުމާއެކު މަސައްކަތްކޮށްގެން ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ މަޤްޞަދަކީ ބަޔަކު ކުށްވެރިކުރުން ނޫންކަމަށާއި، މަސްތުގެ ވަބާއާއި ކުށުގެ ވެށިން މީހުން ސަލާމަތްކޮށް ހަމަމަގަށް އެޅުވުން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ނުބައި ނިޔަތުގައި މިފަދަ ވަބާތައް ފަތުރާ ފަރާތްތަކަށް ޙައްޤު އަދަބު ލިބެންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުން ފެށިގެން ރާއްޖޭގައި ވޭޕް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން ވަނީ މަނާވެފައެވެ.