އަރިއަތޮޅުގައި އެމްޓީސީސީ މެދުވެރިކޮށް ދެމުންގެންދާ ޒަމާނީ ފެރީ ޚިދުމަތް ކަމުގައިވާ އާރްޓީއެލް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިހެން ރައީސް ވިދާޅުވެފައިވަނީ އަރިއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުމަށްފަހުގައެވެ.
މި ބައްދަލުވުމުގައި އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ރައީސްއަށް ހުށަހަޅުއްވާފައެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅުގެ ސްކޫލުތަކުގައި ސޯލާ ޕެނަލް ހަރުކުރުމާއި، އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް އދ. ލޮނުބޯ ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށާއި އަތޮޅުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި ފަތުރުވެރިކަން ފުޅާކުރުމަށެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުން ވަނީ އަތޮޅުގައި ޕިކްނިކް ދާނެ ރަށްތައް މަދުކަން ފާހަގަކުރައްވައި އެކަން ފަހިކޮށްދެއްވުމަށް ރައީސަށް ދަންނަވާފައެވެ.
ރައީސް މުއިއްޒު ވަނީ މި ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޚާއްޞަކޮށް އާރްޓީއެލްގެ ޚިދުމަތް އެ އަތޮޅުގައި ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.