މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް 1އަހަރު ވެގެން ދިޔައިރު މަސައްކަތް ކުރެވުނީ ވަރަށް ދަތި މާހައުލެއްގައި ކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އާއި ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސިޓީ ކައުންސިލްގެ މި ދައުރަށް 1 އަހަރު ފުރުމުގެ މުނާޞަބަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުން ނެގުމުގައި ދިމާވާ ހުރަސްތައް ކަމަށެވެ. މޭޔަރު ވިދާޅުވީ މުވައްޒަފުން ނެގުމުގައި ދަތިތައް ކުރިމަތި ކުރުވަނީ ސިވިލްސާވިސް ކޮމިޝަނުން ކަމަށެވެ. އަދި މިކަމުގައި އެލްޖީއޭ އާއި ފިނޭންސް މިނިސްޓްރީގެ އެއްބާރުލުން ލިބޭކަން މޭޔަރ ފާހަގަކުރެއްވިއެވެ.
މޭޔަރ ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުން އަމަލު ކުރަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. އަދި ސިވިލް ސާވިސް ކޮމިޝަން އެއީ މާލެ ސިޓީ ކައުންސިލަށް ހުރަސް އަޅާ ވަކި މުއައްސަސާއެއް ގޮތުގައި މޭޔަރު ވަނީ ސިފަ ކުރައްވާފައެވެ.
މޭޔަރުގެ އިތުރުން ޑެޕިއުޓީ މޭޔަރު ނަރީޝްގެ ވާހަކަފުޅުގައިވެސް ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ޢަމަލު ނުކުރައްވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ކައުންސިލް ހިންގުމުގައި ދިމާވާ މިފަދަ ދަތިތައް ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކާއި އެކުވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމު ބައްޓަންވެގެން ވަނީ ކައުންސިލްތަކަށް ލިބިދޭންޖެހޭ އެއްބާރުލުން ހުރިހާ ފަރާތްތަކުންވެސް ދީގެންކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވާހަކަ ފުޅުގައި ވަނީ މާލެ ސިޓީ ކައުންސިލަށް އެކި ގޮތްގޮތުން އެހީތެރިވެ ދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ