މިދިޔަ ނޮވެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 40،504 މީހުން ޑޮކްޓަރަށް ދައްކަން ދިޔަ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފާއިތުވި އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދުވެސް އިތުރުވެފައިވާއިރު މި އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރުވެސް ނޮވެމްބަރު މަހުގައި ރޯގާގެ ރިޕޯޓްތައް ވަނީ އިތުރުވެފައެވެ. އެގޮތުން އޮކްޓޫބަރު މަހު 29515 އަރިދަފުސް ރޯގާގެ ކޭސް ރިޕޯޓްކޮށްފައިވާއިރު ނޮވެމްބަރު މަހު 40504 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
އިންފްލުއެންޒާގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ނޮވެމްބަރު މަހު އެ ބައްޔަށް 142 މީހަކު ވަނީ ފައްސިވެފައެވެ. އޮކްޓޯބަރު މަހު 67 މީހަކު އިންފްލުއެންޒާއަށް ވަނީ ފައްސިވެފައެވެ. މިއަހަރު މިހާތަނަށް 2325 މީހަކު ވަނީ އިންޕްލުއެންޒާއަށް ޓެސްޓުކޮށްފައެވެ. އަދި 476 މީހުން ވަނީ އެ ބައްޔަށް ފައްސިވެފައެވެ.
މިދިޔަ މަހު 140 މީހަކަށް ވަނީ ޑެންގީ ހުންވެސް ޖެހިފައެވެ. އޮކްޓޯބަރު މަހާ އަޅާބަލާ އިރު، ނޮވެމްބަރު މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ދަށްވެފައިވާ ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ. އެގޮތުން އޮކްޓޫބަރު މަހު ޑެންގީ ހުން ޖެހިފައިވަނީ 126 މީހަކަށެެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރު މަހުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.