ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ޗެއަރމަން ފިޔަވާ ހުރިހާ ޑިރެކްޓަރުން ސަސްޕެންޑުކޮށްފިއެވެ. އެޗްޑީސީގެ ޑިރެކްޓަރުން ސަސްޕެންޑުކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީންނެވެ.
ޕީސީބީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެޗްޑީސީގެ ޗެއަރޕާސަން ފިޔަވައި ހުރިހާ ބޯޑު މެންބަރުން ސަސްޕެންޑުކޮށްފައިވަނީ އެ ކުންފުންޏާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ތަހުގީގަށް ޖާގަދީ، ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން ކަމަށެވެ. އަދި ޑިރެކްޓަރުން ސަސްޕެންޑްކޮށްފައިވަނީ ފުލުހުންގެ ތަހުގީގު ނިމި ޕީސީބީން ވަކިގޮތެއް އަންގަންދެންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޟުލް ރަޝީދުވެސް ވަކިގޮތެއް އަންގަންދެން އޮފީހަށް ނުނުކުމެވޭގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށްވެސް ޕީސީބީން ވިދާޅުވިއެވެ.
އެޗްޑީސީގެ ބޯޑުގައި 11 ޑިރެކްޓަރުން ހިމެނެއެވެ.
ސަސްޕެންޑުކުރި ބޯޑު މެންބަރުން
މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ފަޟުލް ރަޝީދު
ޑިރެކްޓަރ، އަޒްހާރު
ޑިރެކްޓަރ، އިބްރާހިމް ޔޫސުފް ފުޅު
ޑިރެކްޓަރ، މުޙައްމަދު ވިޝާމް
ޑިރެކްޓަރ، އުލާ މުޙައްމަދު ރަޝީދު
ޑިރެކްޓަރ، އާރިފް އަބްދުއްސަމަދު
ޑިރެކްޓަރ، މުޙައްމަދު ނާޖިލް
ޑިރެކްޓަރ، މުޙައްމަދު ވަހީދު
ޑިރެކްޓަރ، ފާތިމަތު މިޒްނާ އަލީ
ޑިރެކްޓަރ، ޔޫސުފް ވަހީދު
ޕީސީބީން އެޗްޑީސީގެ ޑިރެކްޓަރުން ސަސްޕެންޑްކޮށްފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގްކުރަމުން ދާތީއެވެ.