ކުންފުންޏަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ފުރުސަތު ނުދޭނެ ކަމަށް މިފްކޯގެ އައު ސީއީއޯ ޑރ. ވިޓާލީ ލްޔުބިމޯވް ވިދާޅުވެއްޖެއެވެ. މިދިޔަ ހަފުތާގައި މަޤާމާ ހަވާލުވެވަޑައިގަތް ލްޔުބިމޯވް ވިދާޅުވީ، އެފަދަ ނުފޫޒެއް ފޯރުވަން މަސައްކަތްކުރާ ފަރާތްތަކުގެ މަޢުލޫމާތު އާންމުކޮށް ހާމަކުރައްވާނެ ކަމަށެވެ.
މިހެން ނިންމަވާފައިވަނީ ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރުގެ މަޤާމަށް އަޙްމަދު ނާޞިރު އައްޔަންކުރެއްވުމާ ގުޅިގެން، އެހެން ފަރާތެއް އެ މަޤާމަށް ލުމަށް ކުންފުނިން ބޭރުން ސިޔާސީ ޕްރެޝަރު އައި ކަމަށް މިފްކޯއިން ތުހުމަތުކުރުމަށް ފަހުގައެވެ.
ލްޔުބިމޯވް ވިދާޅުވީ، މިފަދަ ކަމެއް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. މީގެ ތެރޭގައި ސިޔާސީ ގޮތުން ބާރު ފޯރުވާ ފަރާތްތައް މަޤާމުން ވަކިކުރުމަށް އެދި ކަމާ ގުޅުން ހުރި އިސް ފަރާތްތަކާ ވާހަކަދެއްކެވުން ހިމެނެއެވެ.
މިފްކޯއަކީ ދިގު މުއްދަތެއް ވަންދެން ގެއްލުމުގައި ހިންގަމުން އައި ކުންފުންޏެކެވެ. އަދި މީގެ ކުރިން ވެސް ކުންފުނީގެ ލީޑަރޝިޕަށް ސަރުކާރުގެ ނުފޫޒުން މުވައްޒަފުން އައްޔަންކޮށް، ސަރުކާރުގެ މަޞްލަޙަތު އޮންނަ ގޮތަށް ގޮތް ނިންމުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.