މިއަދުން ފެށިގެން ސްކޫލްތަކުގެ ދެވަނަ ޓާމުގެ މެދުތެރޭގެ ޗުއްޓީ ފެށުމާއެކު، އެއަރޕޯޓުގެ މަގުތަކާއި ޓާމިނަލްގެ ޓްރެފިކް ބާރުވާނެކަމަށް ލަފާކުރެވޭތީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ދަތުރުވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފިއެވެ.
އެމްއޭސީއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ދުވަސްވަރު ޚާއްޞަކޮށް އުމްރާވެރިން ގިނަ އަދަދަކަށް ފުރާތީ، އެއަރޕޯޓުގެ ޓްރެފިކް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިކަމާ ގުޅިގެން، ދަތުރުވެރިން ފުރަން ހަމަޖެހިފައިވާ ގަޑީގެ 3 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށާއި، އެއަރޕޯޓުގެ މުވައްޒަފުންގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮންމެ އަހަރެއްގެވެސް މި މޫސުމުގައި ދަތުރުވެރިންގެ އަދަދު އިންތިހާއަށް އިތުރުވާކަން ފާހަގަކުރެވިފައިވެއެވެ. ޚާއްޞަކޮށް ޑިސެމްބަރު މަހުގައި ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ފުރާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.