ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ 5 ލެޕްޓޮޕް ވަގަށް ނަގައިފިއެވެ.
ފުލުހުން މިރޭ ބުނީ އެޗްޑީސީގެ ތެރެއިން ފަސް ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ކަމަށެވެ.
އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.
މި މައްސަލަ ހުށަހެޅީ އެޗްޑީސީން ފަރުކޮޅުގައި ހުރި އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުން 5 ލެޕްޓޮޕް ގެއްލިގެން ކަމަށާއި މިމައްސަލާގައި ތުހުމަތުކުރެވޭ މީހާ ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުގައި ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
އެޗްޑީސީގެ ތެރެއިން ފަސް ލެޕްޓޮޕެއް ގެއްލިފައިވާ މައްސަލަ ފުލުހުން ބަލަމުން އަންނައިރު އެ ކުންފުނީގެ ތެރެއިން ވަގު ލިޔުންތަކެއް ހަދައިގެން ގޯތިދީފައިވާ މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާތީ އެޗްޑީސީ ޑިރެކްޓަރުން ބޯޑުގައި ހިމެނޭ މެންބަރުން ސަސްޕެންޑުކޮށް 15 މުވައްޒަފަކުވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.