2004 ވަނަ އަހަރު ޑިސެމްބަރު 26 ވަނަ ދުވަހު ހިނގި ސުނާމީ ކާރިސާގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، މާދަމާ ހެނދުނު 9:23 ގައި މުޅި ރާއްޖޭގައި ހަމަހިމޭންކަމުގެ ސުކޫތެއް ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.
ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން ސަރުކާރުގެ އެހެނިހެން ވުޒާރާތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި، މި ސުކޫތަކީ ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި ބާއްވާ ސުކޫތެކެވެ. މި ސާކިއުލާއާ ގުޅިގެން ހުރިހާ ވުޒާރާއަކުން ވެސް ވަނީ އެތަނެއްގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުންނަށް މި ސުކޫތުގައި ބައިވެރިވުމަށް އެދިފައެވެ.
2004 ވަނަ އަހަރު ޑިސެމްބަރު 26 ވަނަ ދުވަހު ރާއްޖެއަށް އެރި ސުނާމީއަކީ މުޅި ރާއްޖެ ދުށް އެންމެ ބިރުވެރި އަދި ނާމާން ކާރިސާއެވެ. އެ ދުވަހުގެ ފަތިހު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ދުނިޔޭގެ އެތައް ޤައުމަކަށް ކުރިއެވެ. ރާއްޖޭގެ 191 ރަށަކަށް ސުނާމީގެ އަސަރު ކޮށްފައިވާ އިރު، ބައެއް ރަށްރަށަށް އެރި ރާޅާއެކީ މުޅި ރަށް އެކީ ދޮވެލިއެވެ.
މި ކާރިސާގައި 13 އަތޮޅެއްގެ 28 ރަށަކުން މީހުން މަރުވިއެވެ.