މި އަހަރުގެ މިހާތަނަށް ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ޒަކާތަށް ފައިސާ ލިބުނު އަހަރު ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ އަހަރަކު މަދުވެގެން 100 މިލިއަން ރުފިޔާއަށް ޒަކާތު ފަންޑުން ހޯދުމެވެ. އަދި ޝަރުޢީ އަސާސްގެ އަލީގައި ޒަކާތުގެ ޙައްޤުވެރިންނަށް ފުޅާ ދާއިރާއެއްގައި އެހީތެރިވުން ކަމަށް ވިދާޅުވިއެވެ.
މި ކާމިޔާބީއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޒަކާތުގެ ޚާއްޞަ އިދާރާއެއް އުފެއްދުމުގެ ހެޔޮ ނަތީޖާ ކަމަށް މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ. މި އިދާރާ އުފެއްދުމާ ގުޅިގެން ޒަކާތު ފަންޑު ހިންގުމާއި ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.