ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ހިފެހެއްޓި މިޔަރު އަދި މަޑިމަސް ކަސްޓަމްސްއިން ނައްތާލައިފިއެވެ.
މިތަކެއްޗަކީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެއިން ބޭރުކުރުން މަނާތަކެތި ހުރިކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ ތެރޭގައި ހިފެހެއްޓި ތަކެއްޗެވެ.
އެގޮތުން ބަލައި ފާސްކުރި ކޮންޓެއިނާގެ ތެރެއިން ހިފެހެއްޓި 582 ކިލޯގެ މިޔަރު އަދި މަޑިމަސް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުން ނައްތާލެވިފައެވެ.
މި ތަކެތި ނައްތާލީ މިދިޔަ އާދިއްތަ ދުވަހު ކ. ތިލަފުށި ކުނި ނައްތާލާ ސަރަޙައްދުގައެވެ.
މިޔަރާއި މަޑީގެ ބާވަތްތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވައިދުގެ ދަށުން ރާއްޖެއިން ބޭރުކުރުން މަނާ ތަކެއްޗެވެ.