މާލެ ސަރައްދުގައި ދިރިއުޅޭ މީހުން އާބާދުކުރުމަށް ގުޅީފަޅުން ހިއްކި ބިމުގައި މަގުތައް ހެދުމަށާއި ބޭނުންވާ މުނިސިޕަލް އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެކު ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
މިކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އަދި ސީއެމްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރީޖަނަލް ޖެނެރަލް މެނޭޖަރު ޝެން ހައު ޖިން އެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:
- ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް ގާއިމުކުރުން
- ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން
- ޑީވޯޓަރިން ސިސްޓަމް ގާއިމުކުރުން
- މަގުތައް ޒަމާނީ ފެންވަރަށް ހެދުން
- ޖީޕޮން ޑަކްޓިން ސިސްޓަމް ގާއިމުކުރުން
- ގޭސް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސިސްޓަމް ގާއިމުކުރުން ހިމެނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއްތޮލިބް ވިދާޅުވީ އެ މަސައްކަތަށް ސީއެމްއީސީއާ ދެމެދު މިހާތަނަށް ގިނަ ޓެކްނިކަލް މަސައްކަތްތައް މިނިސްޓްރީން ކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމާއެކު ސާވޭ އަދި ތަފުސީލު ކުރެހުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅީފަޅުން ބޮޑު ބިމެއް ނަގާފައިވާތީ މަސައްކަތަށް ދަތިތަކެއް ހުރި ނަމަވެސް ބައިބަޔަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދަން އެއްބަސްވެފައިވާކަން ފާހަގަކުރައްވާފައެވެ.