ގދ. ހޯނޑެއްދޫގައި ޤާއިމުކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފުތިތާޙުކޮށް ދެއްވައިފި އެވެ.
ހޯނޑެއްދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. ފެނާއި ނަރުދަމާ ޤާއިމްކޮށްފައިވަނީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި މަސައްކަތަށް 4.9 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވެއެވެ.
މަޝްރޫޢުގެ ދަށުން ނަރުދަމާގެ 5 ޕަންޕު ސްޓޭޝަން ޤާއިމުކޮށް، ސީ އައުޓް ފޯލް އަޅައި މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަ އަޅައި، ގޭގެއަށް ކަނެކްޝަން ގުޅާފައިވެ އެވެ. އަދި ދުވާލަކު 75 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށް ދެ ޓޭންކު ބަހައްޓާފައިވެ އެވެ.
ހުވަދުއަތޮޅަށް ރައީސް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލްކަމަށްވާ މިއަދު ވަޑައިގަތުމުން އެ ރަށުން ވަނީ ރައީސަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ރަށުގެ އެކި އުމުރުފުރާތަކުގެ ރަައްޔިތުން ރައީސަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ނިކުމެފައެވެ.
ހޯނޑެއްދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ މިދިޔަ އަހަރު ތަރައްގީގެ މަޝްރޫއުތަކެއް ނުހިންގުނީ ފާސްކޮށް ދިން ބަޖެޓްގެ ތާށިކަމާ ހެދި ކަމަށެވެ.
ނަމަވެސް މި އަހަރަކީ، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށް ދިން ފަހި ބަޖެޓާ އެކީ އެ މަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި އެކި ރަށްރަށަށް ވަޑައިގެން ވެވަޑައިތް ވައުދުތަކުގެ އަމަލީ މަސައްކަތް ވަރަށް ތަރުހީބުކަމާ އެކީ ކުރިއަށް ދާނެ އަހަރެއް ކަމަށް ރައީސް ވިދާޅުވި އެވެ.