މިއަހަރުގެ ބަޖެޓަކީ ވައުދު ފުއްދުމުގެ ބަޖެޓެއް ކަމަށާއި ބަޖެޓު ހަދާފައިވަނީ ވެސް އެ ބޭނުމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހޯނޑެއްދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއަހަރާއި އަންނަ އަހަރުގެ ބަޖެޓު ތަރުތީބު ކޮށްފައިވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ އަމަލީ މަސައްކަތްތައް ފެށުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރު ތަރައްގީގެ މަޝްރޫއުތަކެއް ނުހިންގުނީ ފާސްކޮށް ދިން ބަޖެޓްގެ ތާށިކަމާ ހެދި ކަމަށެވެ.
ނަމަވެސް މި އަހަރަކީ، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށް ދިން ފަހި ބަޖެޓާ އެކީ އެ މަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި އެކި ރަށްރަށަށް ވަޑައިގެން ވެވަޑައިތް ވައުދުތަކުގެ އަމަލީ މަސައްކަތް ވަރަށް ތަރުހީބުކަމާ އެކީ ކުރިއަށް ދާނެ އަހަރެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެންމެ އިސްކަމެއް ދެއްވަނީ ގެދޮރުވެރިކަމަށް ކަމަށާއި މިއަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގެ ތެރެއިން ހޯނޑެއްދޫގައި ގެދޮވެރިކަމުގެ މަޝްރޫއެއް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އަހަރަކީ ޔަގީނުން ވެސް ވައުދުތައް ފުއްދުމުގެ އަހަރަކަށް ވާނެ ކަމަށާއ އެ މަންޒަރު ރައްޔިތުންނަށް ފެންނަން ފަށާނެ ކަމަށެވެ. އެހެންވެ ތަފާތު ކުރުމެއް ނެތި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ފައްޓަވައި ވީހާ ވެސް އަވަހަކަށް އެ ކަންކަން ނިިންމަވަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.