ގދ. ނަޑެއްލާގައި އާ ބަނދަރެއް ހެދުމަށް މި މަހުގެ ތެރޭގައި ކޮންޓްރެކްޓަރެއް ހޯދުމަށް އިޢުލާން ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ،
ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ނަޑެއްލާއަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމެއްގައި ރައީސް ވަނީ މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ 2008 ވަނަ އަހަރު ހެދިފައިވާ، ރަށުގެ މިހާރުގެ ތަރައްޤީއާ ނުގުޅޭ ބަނދަރެއްކަން ފާހަގަކުރައްވައި، އާ ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންދާނީ ރަށްގިރުމާއި އުދައެރުމުގެ މައްސަލައަށްވެސް ޙައްލެއް ލިބޭނެ ގޮތަށްކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ނަޑެއްލާގައި އާ މިސްކިތެއް އިމާރާތްކުރުމާއި، ސްކޫލާއި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ މަސައްކަތްތައްވެސް މި އަހަރު ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒުވާނުންނަށް އަމާޒުކޮށްގެން ފުޓުބޯޅަ ދަނޑާއި، ފުޓްސަލް ދަނޑާއި، ވޮލީ ދަނޑު އަދި ޒުވާނުންގެ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މި އަހަރު ފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހުވަދުއަތޮޅުގައި ފުލުހުންގެ ޚިދުމަތް ނުލިބޭ ހަމައެކަނި ރަށަކީ ނަޑެއްލާ ކަމަށްވާތީ، އެ ރަށުގައިވެސް ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވޭނެކަމަށް ރައީސް އިޢުލާންކުރެއްވިއެވެ. ރަށުގެ އާބާދީއާ އެކަށީގެންވާ މިންވަރަށް ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ނަޑެއްލާ ކައުންސިލުން ފާހަގަކުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ރައްޔިތުންގެ އެއްބާރުލުން ކުރިއަށް އޮތްތަނުގައިވެސް ދެމެހެއްޓުމަށް އެދިވަޑައިގެންފައިވެއެވެ.