މޯލްޑިވްސް ކަސްޓަމްސް ސާވިސަސް މުވައްޒަފުންތަކެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ ދައުރުވި މައްސަލައިގައި ހިމެނޭ އެއްވެސް މުވައްޒަފަކު ރިޓަޔާކޮށްފައި ނުވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސްއިްނ ބުނީ، އެ އިދާރާގެ ބައެއް އޮފިސަރުންނަށް ތުހުމަތު ކުރެވިގެން މަނީ ލޯންޑްރިން، ހިޔާނާތް އަދި ރިޝްވަތާ ގުޅޭގޮތުން ފުލުހުންގެ ހިދުމަތުން ތަހުގީގެއް ކުރަމުންގެންދާކަން ކަސްޓަމްސްއަށް އަންގާފައިވާކަމަށެވެ. މިގޮތުން ތަހުގީގުގައި ހިމެނޭ އެއްވެސް އޮފިސަރަކު ކަސްޓަމްސްއިން ރިޓަޔަރކޮށްފައި ނުވާނޭކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.
ކަސްޓަމްސް އޮފިސަރުންތަކެއްގެ މައްޗަށް ތުހުމަތުކުރެވޭ ބޮޑު ޚިޔާނާތުގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފެށިކަން ހާމަވީ އިއްޔެއެވެ.
ރާއްޖޭގެ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ހިޔާނާތުގެ މި މައްސަލައިގައި ހިމެނޭ ކަސްޓަމްސްގެ 20 އޮފިސަރެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. އެގޮތުން މި 400 މިލިއަން ރުފިޔާ ދައުރުވެފައިވަނީ 20 މީހެއްގެ އެކައުންޓުގައި ކަމަށާއި ނަމަވެސް ފުލުހުން ތަހުގީގު މިހާތަނަށް ފުޅާކޮށްފައިވަނީ ތިން ހަތަރު އޮފިސަރެއްގެ މައްޗަށް ކަމަށް ރިޕޯޓުކޮށްފައެވެ.
މި މައްސަަލަ ރައްޔިތުންގެ މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކަށް އޮންނަ 241 ކޮމިޓީގެ ސަމާލު ކަމަށް ވެސް ވަނީ ގެެނެސްފަ އެވެ.