ކައުންސިލްތަކުގައި ފުލްޓައިމްކޮށް ޚިދުމަތްކުރާން ކައުންސިލުގެ ރައީސާއި، ނައިބު ރައީސް އެކަނި ތިބޭ ގޮތަށް ކަނޑައަޅައި، ބާކީ ކައުންސިލަރުންނަކީ ޕާޓްޓައިމް މެންބަރުންނަށް ހެދުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ގދ. ފިޔޯރީއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަރަދު ކުޑަ ކުރުމަށްޓަކައި ސަރުކާރުން ކަންތަައްތަކެއް ކުރަން ޖެހޭ ކަމަށެވެ.
“މިރޭ މި ވާހަކަ ދައްކާއިރު، ޕަބްލިކް ޑިބޭޓަށް އަޅުގަނޑު ހުށަހަޅާ ހިޔާލެއް، ކުރިންވެސް އަޅުގަނޑު ވާނީ ކައުންސިލްތަކުގެ ސައިޒް ނޫނިއްޔާ ކޮމްޕޮޒިޝަން ކުޑަ ކުރަން ޖެހޭ ކަން ހިޔާލު ފާޅު ކޮށްފައި، އަދި އެކަމަށްޓަކައި މަޝްވަރާ ކުރެވި ރައްޔިތުންގެ ހިޔާލާއި ކަމާއި ބެހޭ ހުރިހާ އެންމެންގެ މަޝްވަރާއާއި އެކީގައި ގެންނަންވާ ބަދަލުތައް ގެންނާނެ ކަމަށް،”. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިންވެސް ކައުންސިލްތަކުގެ ޢަދަދު މަދުކުރުމުގެ ޚިޔާލު ފާޅުކުރައްވާފައިވާނެކަމަށާއި އަދި އެކަމަށްޓަކައި މަޝްވަރާކުރެވި ރައްޔިތުންގެ ޚިޔާލާއި ކަމާބެހޭ އެންމެންގެ މަޝްވަރާއާއި އެކީގައި ގެންނަންވާ ބަދަލުތައް ގެންނަވާނެކަމަށް ވިދާޅުވެފައިވާނެކަމަށެވެ. މިގޮތުން ބަލާއިރު އެއް ކަންބޮޑުވުމަކަށްވީ ކައުންސިލަރުންގެ ޢަދަދު މަދުކޮށްފިނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކޮށްފާނޭކަމުގެ ކަންބޮޑުވުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ބޭނުންފުޅުވަނީ ޚަރަދު ކުޑަކުރަން ކަމަށެވެ. އެގޮތުން ބަލާއިރު ކޮންމެ ރަށެއްގައި އެ ރަށުގެ އާބާދީއަށް ޚިދުމަތް ކުރަން ބޭނުންވާ އަދަދަށްވުރެ ގިނައިން، ފުލްޓައިމްކޮށް ގިނަ ކައުންސިލަރުން ތިބުމަކީ ޚަރަދު ބޮޑު ނިޒާމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ކައުންސިލަރުންގެ ޢަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ކައުންސިލްގެ ރައީސާއި ނައިބު ރައީސް ތިއްބަވާ ގޮތަށް ކަނޑައެޅުމަކީ ޚަރަދު ކުޑަކުރުމަށް ކުރެވިދާނޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކައުންސިލް އިންތިޚާބުގައި ފުލްޓައިމް މަޤާމުތަކުގެ ގޮތުގައި އިންތިޚާބުކުރާނީ ކައުންސިލްގެ ރައީސްގެ މަޤާމަށާއި ކައުންސިލްގެ ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުކުރާ ދެމެންބަރުން ކަމަށް ކަނޑައަޅައި، އަދި މިހާރުވެސް ތިބޭ ޢަދަދަށް ކައުންސިލަރުން އިންތިޚާބުކުރި ނަމަވެސް އެއީ ކޮންމެ ޖަލްސާއަކަށް އެލަވެންސެއް ލިބޭގޮތަށް ތިބޭ މެބަރުން ކަމުގައި ހެދުމަށް ފެނިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ ތަރައްޤީވެފައިވާ ޤައުމުތަކުގައި މި ގޮތަށް ކައުންސިލަރުން ތިބޭކަން ފާހަގަކުރައްވާފައެވެ. އަދި މިގޮތަށް ހެދުމުން ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކަށް އަސަރު ނުކުރާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާ މީހާއާއި އެކުގައި އިތުރު މީހަކު ރަނިންމޭޓްކަމަށް ކުރިމަތިލާ ގޮތަށް ވެސް އެ ކަން ކުރެވިދާނެ ކަމަށެވެ. އަދި މިގޮތަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ވެސް ބަދަލު ކުރެވިދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިހެން ހެދުމުން ވަރަށް ބޮޑުތަނުން ހިންގުމުގެ ހަރަދު ކުޑަވެގެންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މީގެ ސަބަބުން ކައުންސިލަރުން ހޮވަން ޖެހޭ އަދަދަށް ބަދަލު ނާންނާނެ ކަމަށެވެ. އަދި މިކަން މިގޮތަށް ކުރަން ރައްޔިތުންނަށް ފެނިވަޑައިގަންނަވާނަމަ “ޕަބްލިކް ޑިބޭޓެއް” ކުރުމަކީ އެއީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެެވެ.
ރައީސް ވަނީ އެކަން އެގޮތަށް ކުރަން ރައްޔިތުންނަށް ފެންނަނަަމަ ރައްޔިތުންގެ ތެރޭ އެކަމާ މެދު ބަހުސްކުރަން އެދިލައްވާ ކަމަށް ވިދާޅުވެފައެވެ.