ހުއްޓިފައިހުރި ބިނާކުރުމުގެ މަޝްރޫޢުތައް އަލުން ފެށުމަށްޓަކައި ބޮޑުހިލަ ބަލްކުކޮށް ގެނައުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގދ. ރަތަފަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މެޓީރިއަލް އަދި ފައިސާގެ ދަތިކަމާ ހެދި މަޑުޖެހިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ރައީސް އަލިއަޅުވާލެއްވިއެވެ. މިގޮތުން، މިދިޔަ ހަފުތާގައި ކުންފުނިތަކުގެ ވެރިންނާއި، ފިނޭންސް މިނިސްޓަރާއި، ކޮންސްޓްރަކްޝަން މިނިސްޓަރާ ބައްދަލުކުރައްވައި، މިކަމަށް ބޭނުންވާ ފައިސާ ހަމަޖައްސާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރަތަފަންދޫގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ އެހެނިހެން މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ރައީސް ހިއްސާކުރެއްވިއެވެ. މިގޮތުން، ފެނާއި ނަރުދަމާގެ މަޝްރޫޢު އަލުން ފަށައި، ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން މޫދަށް އެރޭނެ ސަރަހައްދެއް ތަރައްޤީކުރުމާއި، އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމާއި، ކުނި މެނޭޖްކުރުމުގެ މަރުކަޒެއް ޤާއިމުކުރުން ހިމެނެއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރަތަފަންދޫއަކީ ތަޢުލީމަށް އިސްކަންދޭ ރަށެއްކަމާއި، ޤައުމަށް ޚިދުމަތްކުރާ ގިނަ ދަރިން އުފައްދާފައިވާ ރަށެއްކަމެވެ. އެހެންކަމުން، ރަށުގެ ތަޢުލީމާއި، ދުޅަހެޔޮކަމާއި، އިޖުތިމާޢީ ހަމަޖެހުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަށްފަހު ރައީސް ވަނީ ރަށުގެ ޞިއްޙީ މަރުކަޒާއި ކައުންސިލް އިދާރާއަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.