ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގއ. ކަނޑުހުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި، ސްކޫލުގެ ތަރައްޤީގެ މަސައްކަތްތައް އަވަސްކުރުމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް މި އަހަރުގެ ތެރޭގައި މަސައްކަތް ފައްޓަވާނެކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.
ކަނޑުހުޅުދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސްވަނީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލު ހޯދުމަށްޓަކައި 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫޢު ހިންގަވައިދެއްވާނެ ކަމަށާއި، އޭގެ ފަހުން ރޯ-ހައުސްގެ މަޝްރޫޢު ހިންގަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ސީ-އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފައްޓަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
އަދި އެ ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ސްކޫލަށް ބޭނުންވާ ތަރައްޤީގެ ކަންކަމަށް ޢަމަލީ ސިފަގެނައުން މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، މިހާރު ހުއްޓިފައިވާ މަޝްރޫޢުތައް ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ރަށުގެ ރައްޔިތުންނަށް ދެއްވިއެވެ.
ހަމައެހެންމެ ހިންގަން ފަށައި، މަޑުޖެހިފައިވާ މަޝްރޫޢުތައް ހިންގެވުމުގެ އިތުރަށް، ޢުމްރާނީ ގޮތުން އިތުރު ތަރައްޤީތަކެއް ސްކޫލަށް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.